7. ﷲ ލޯބިވެވޮޑިގަންނަވާ އަދި ރުއްސަވާވޮޑިގަންނަވާ ކަންކަން އަޅުތަކުން ދެނެގަންނަނީ ކިހިނެއް ހެއްޔެވެ؟

ސުވާލު 7: ﷲ ލޯބިވެވޮޑިގަންނަވާ އަދި ރުއްސަވާވޮޑިގަންނަވާ ކަންކަން އަޅުތަކުން ދެނެގަންނަނީ ކިހިނެއް ހެއްޔެވެ؟

ޖަވާބު: އަޅުތަކުން އެކަންތައް ދެނެގަންނަނީ، ﷲ تعالى އެއިލާހު ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ކަންތަކަށް އަމުރުކުރައްވައި އަދި ރުހިވޮޑިނުގަންނަވާ ކަންތައް ނަހީކުރައްވައި، ފޮނުއްވި ރަސޫލު ބޭކަލުންނާއި ބާވާލެއްވި ފޮތްތަކުންނެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް، ބާޠިލުތައް ނެތިކޮށްލަނިވި އެއިލާހުގެ ޙުއްޖަތް ޤާއިމުވެގެންވެއެވެ. އަދި އެއިލާހުގެ ފުރިހަމަވެގެންވާ ޙިކުމަތް ފާޅުވެގެންދެއެވެ.

ﷲ تعالى ވަޙީކުރެއްވިއެވެ. رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِۚ وَكَانَ ٱللَّهُ عَزِيزًا حَكِيمٗا1 މާނައީ: ”އުފާވެރިކަމުގެ ޚަބަރު ދެއްވާ، އަދި އިންޛާރުކުރައްވާ ރަސޫލުބޭކަލުންތަކެކެވެ. އެއީ އެބޭކަލުން ފޮނުއްވުމަށްފަހު، ﷲގެ މައްޗަށް މީސްތަކުން ދައްކާނޭ ޙުއްޖަތެއް ލިބިގެން ނުވުމަށްޓަކައެވެ.“

އަދިވެސް ވަޙީކުރައްވާފައިވެއެވެ. قُلۡ إِن كُنتُمۡ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحۡبِبۡكُمُ ٱللَّهُ وَيَغۡفِرۡ لَكُمۡ ذُنُوبَكُمۡۗ وَٱللَّهُ غَفُورٌ۬ رَّحِيمٌ۬2 މާނައީ: ”އިނބަ ނަބިއްޔާ ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ ދެކެ ލޯބިވާކަމުގައިވަނީނަމަ، ފަހެ ތިޔަބައިމީހުން، ތިމަން ނަބިއްޔާއަށް ތަބަޢަވާށެވެ. އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާދެއްވާނެތެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމުވަންތަ އިލާހެވެ.“


  1. النساء: 165 ↩︎

  2. آل عمران: ٣١ ↩︎